އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުގެ މަންމަ، މަންދީ ގަޔަށް ކަޅު ތެޔޮ ޖެހީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައި މާލޭގެ ވުޑްބެރީ ރެސްޓޯރެންޓު ހިމެނޭ ސަރަހައްދުންނެވެ.
އެ މައްސަލާގައި، ޖެހުމާއި މުދަލަށް ގެއްލުން ދިނުމާއި ކުށެއް ކުރުމުގައި ބައިވެރިވުމުގެ ތުހުމަތުގައި މި ހައްޔަރުކުރީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް, 20 އެވެ.
އޭނާއަކީ ކަޅުތެޔޮ ޖެހި މީހާ އިން ސައިކަލު ދުއްވަން އިން މީހާ އެވެ. އެކަމަށް އޭނާ ކުރިން ވަނީ ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ.
ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައިވަނީ 15 ދުވަސް ހަމަވުމުން ބަންދު މުރާޖައާ ކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ، ޖެހުން، މުދަލަށް ގެއްލުން ދިނުން އަދި ކުށެއް ކުރުމުގައި ބައިވެރިވުމެވެ.
އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބައިވެރިވީ ޖިނާއީ ކުޑަ ކުށެއް ކަމުގައި ވެފައި، މައްސަލައަށް ފުރިހަމަ އެއްބާރުލުން ދީފައިވާތީ އެވެ.