ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިދިޔަ މަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 15 ވަނަ ޖަލްސާގައެވެ.
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލްއަކީ ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީޢަތާ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސް.އެމް.އެން.އެސް އިކުއިޓީ ޗެމްބަރގައި މަސައްކަތް ކުރައްވާފައިވެއެވެ.
މިއާއެކު، 2014 މެއި 22 އިން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވައި، 2014 ޖުލައި 13 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވަންދެން ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމު ފުރުއްވާފައިވެއެވެ.
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ޖުލައި 24 ގައެވެ.