ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދޭން ގޮވާލާ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމަތީގައި ގިނަ ޒުވާނުންތަކެއް މުޒާހަރާ ކޮށްފި އެވެ.
މިރޭ ބޭއްވި އެއްވުމުގައި ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާ ހިނގި ހިރު އޭނާއާއި އެކު ހުރި ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރުކުރުމަށްވެސް ވަނީ މުޒާހަރާގެ ބައިވެރިން ގޮވާލާފަ އެވެ.
ފުލުހުން ޔުމްނުގެ ވަނަވަރު އާންމުކޮށްފައިވާއިރު، މި މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ސުވާލު އުފައްދަނީ، އެ މީހުންގެ ވަނަވަރު އާންމު ނުކުރާތީއާއި، އޭގެތެރެއިން އެއްބަޔަކު ޔޫރީން ދޭން ދެކޮޅުހަދާފައިވާތީ، އެ މީހުންނާ ދެކޮޅަށް ފިޔަވަޅު ނާޅަނީ ކީއްވެގެންތޯއެވެ.
ޔުމްނުއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް މިހާރު އޭނާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އެ ހާދިސާގެ މައުލޫމާތުތައް ނޫސްވެެރިންނާ ހިއްސާ ކުރަން ބޭއްވި ބައްދަލުވުމުގައި ފުލުހުން ބުނެފައިވެއެވެ.