ސިނަމާލެ ފްލެޓް ރީޑިވޮލަޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ކޮންސެޕްޓް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކޮށްފައި ވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ހޮންކޮންގައި ރަޖިސްޓަރ ކޮންގެން ހިންގާ، އެސް. އެފް. ޕްރޮޖެކްޓް ކޮންސަލްޓެންސީ ލިމިޓެޑް އާއިއެވެ.
މި އެއްބަސްވުމުގެ ދަށުން، 1500 ހައުސިން ޔުނިޓް ތަރައްޤީ ކުރަންހަމަޖެހިފައިވާއިރު، ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވަނީ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތައް، މިހާރު އިމާރާތް ކުރެވިފައިވާ ސަރަހައްދު ހިމެނޭހެން 23476 އަކަ މީޓަރުގެ ބިމެއްގައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ނަމަވެސް ކައުންސިލުން ބުނީ، މި ފްލެޓްތައް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި، ތަރައްޤާ ކުރެވިފައިވާ ހޭންޑްބޯލް ކޯޓް މި ބިމުގައި ހުރުމުން، ހޭންޑް ބޯލް ކޯޓް ހުރި ބިމުން 3310 އަކަ މީޓަރު އުނިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ފްލެޓް އަޅަން މިހާރު އޮތް ސަރަޙައްދު ކުޑަވަމުން، އެ ބިމުގައި ޢިމާރާތް ކުރެވެނީ ޖުމްލަ 1360 ފްލެޓު ކަމަށާއި، އެއީ ކުރިން އެއްބަސްވެ ސޮއިކުރި އެއްބަސްވުމަށް ވުރެ، 140 ފްލެޓް މަދު ޢަދަދެއް ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޢިމާރާތް ކުރަން ހަމަޖެހިފައިވާ އިމާރާތްތަކުގެ ތެރެއިން، 20 ފްލޯގެ އެއް ޓަވަރު އަޅަން ބޭނުންވާ ބިން، މިހާރު ވަނީ މަސައްކަތް ކުރާފަރާތާ ހަވާލުކޮށްފައެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ މި ޕްރޮޖެކްޓްގެ ދެންހުރި ފްލެޓްތައް ޢިމާރާތްކުރަން ހަމަޖެހިފައިވާ ބިންތަކުގައި، ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ ބިންތައް ހުރިކާމަށާއި އެހެން ކަމުން އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މޭޔަރ ޢާޒިމް ވިދާޅުވި ގޮތުގައި، މިއަދު ފާސްކުރެވިގެން ދިޔަ ކޮންސެޕްޓަކީ އޮރިޖިނަލް އެގްރިމެންޓުގެ ދަށުން ޑިވޮލަޕަރު ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ ކޮންސެޕްޓަށް ވުރެ، ޖާގައިގެ ގޮތުން ތަނަވަސް، ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރި ކަމަށް ވިސްނާ، އަދި ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ޕާކިން ޖާގަ އިތުރުކުރެވިފައިވާ ފުރިހަމަ ކޮންސެޕްޓެއް ކަމަށެވެ.
މިޕްރޮޖެކްޓް ތެރެއިން ސިނަމާލެ ފްލެޓް 1،2،3 އަދި މާލެ ހިޔާ 1،2 ފްލެޓްތައް ތަޅާލައި އެ ބިންތަކުއި އައު ޓަވަރުތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ.