މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ފުލުހުންގެ އެއްވެސް އޮފިސަރަކު ގާނޫނަކާ ނުވަތަ އިޖުރާއާތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބެލުމަށާއި، ފުލުހެއްގެ އިހުމާލެއް ފާހަގަކުރެވިއްޖެނަމަ އެކަމަށް ފިޔަވަޅު އެޅުމަށް އަންގަވާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު ޔުމްނުގެ ކަރާމާތަށް ގެއްލުންވެދާނެ އެއްވެސް މައުލޫމާތެއް އާންމުނުކުރުމަށާއި، ތަހުގީގުގެ މައުލޫމާތު އާންމުކުރުމުގައި ފަރުދުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަދި ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް މައުލޫމާތު އާންމުކުރުމަށްވެސް ފުލުހުންނަށް އަންގާފައިވެއެވެ.
އިތުރަށް ބަޔާނުގައި ވިދާޅުވެފައިވަނީ މި މައްސަލާގެ ތަހުގީގާ ގުޅިގެން އާންމުން ޕީޖީ އޮފީހަށް ހުށަހަޅާ ޝަކުވާތައްވެސް ބަލަމުން ގެންދާނެ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގައި ހިމެނޭ 9 މީހެއްގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އިޖާޖާ ޖާއިޒް، އިޒުދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހްމަދު އަކްރަމް، އާއިޝަތު ލަޔާލީ އިގުބާލު، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، އާމިނަތު ޖުނެއިނާ ޖަމްޝީދު، ރައުދު އަހުމަދު ޒިލާލް އަދި ހުސައިން ހަމީސް އަލީއެވެ.