ވިނަރެސް ފުލެޓެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭކަމުގެ ރިޕޯޓު މިއަދު ހެނދުނު 6:05 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ގޮސް، ގަދަކަމުން ދޮރު ހުޅުވައި ބެލިއިރު ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށާއި، އެއީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ޢާއިލާއިން ކަމަށާއި، އެ ވަގުތު އަންހެން މީހާ އޮތް ކޮޓަރީގައި އިތުރު މީހަކު ނެތް ކަމަށެވެ. ނަމަވެސް އެޕާޓްމަންޓުގައި ޢާއިލާގެ މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.