މިދިޔަ ހޮނިހިރު ދުވަހު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އިސްތިއުފާ ދެއްވި އަލީ ޝުޖާއު ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.
މި ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ޝުޖާއު އެ މަގާމަށް އައްޔަން ކުރެއްވީ, 25 ޑިސެމްބަރު 2023ގައެވެ. ސުޖާއު ރިޓަޔާ ކުރެއްވީ އޭނާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހެވެ. ކުރީގެ ކޮމިޝަނަރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާކަން ފުލުހުންގެ އިންޓާނަލް މެމޯއަކުން ވަނީ ހުރިހާ ފުލުހުންނަށް އަންގައިފަ އެވެ.
ޝުޖާއު ފުލުހުންގެ ވަޒީފާއާ ގުޅިވަޑައިގަތުމުގެ ކުރިން އުޅުއްވީ ތައުލީމީ ދާއިރާގައެވެ. އެގޮތުން ޓީޗަރެއްގެ ވަޒީފާގެ އިތުރުން އެސިސްޓެންޓް ޕްރިންސިޕަލެއްގެ މަގާމު ވެސް ފުރުއްވެވިއެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފައެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައި ވާއިރު، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.