މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާގުޅިގެން އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިނުގަތުމަށް ނިންމައިފިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލައިގައި، ހާދިސާ ހިނގީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގެކޮޅުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިއެވެ. ނަމަވެސް، މިނިސްޓަރު ދިރިއުޅުއްވަނީ ހާދިސާ ހިނގި ގޭގައި ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޝަރުތު ފުރިހަމަނުވާތީ، ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމެވި ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލައިގައި ދެންނެވުނު ހާދިސާގެ ކްރައިމް ސީންއެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނަކީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ކަމަށް ބަޔާންކޮށްފައިވާއިރު، މިނިސްޓަރު ދިރިއުޅުއްވަނީ ހާދިސާ ހިނގި ގޭގައި ނޫން ކަމުގައި ދަންނަވަން،" ނާޒިމް ވިދާޅުވިއެވެ.
މި ހާދިސާއަށް ފަހު ޔުމްނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަަށް މިހާރު ވަނީ މެލޭޝިއާއަށް ގެންގޮސްފައެވެ.