ރާއްޖޭގައި އަލަށް ބާއްވާ "މެޑިކޯ ލީގަލް" ކޮންފަރެންސް ފަށައިފި އެވެ.
ގައުމީ ޔުނިވަސިޓީގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ ސިއްޙީ ދާއިރާ ތަރައްގީ ކުރުމަށް ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން ބާއްވާ ކޮންފަރެންސެކެވެ.
ކޮންފަރެންސްގައި ރާއްޖެއާ އެކު 8 ގައުމަކުން ޖުމްލަ 51 ދިރާސީ ކަރުދާސް ހުށަހަޅާފައިވެ އެވެ. ކޮންފަރެންސްގައި ބައިވެރިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް، ސަޢުދީ ޢަރަބިއްޔާ، އިންޑޮނޭޝިޔާ، ރޮމޭނިޔާ، އަލްޖީރިއާ އަދި ސްކޮޓްލޭންޑެވެ.
އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިން އިން އިންތިޒާމުކޮށްގެން، ކުރިއަށް ގެންދާ "މެޑިކޯ ލީގަލް ކޮންފަރެންސް" ކުރިއަށް ދާނީ ތިން ދުވަހުގެ މުއްދަތަށެވެ.
މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހް މާހިރެވެ.
ރާއްޖޭގެ ފުރަތަމަ މެޑިކޯ ލީގަލް ކޮންފަރެންސްގައި ރާއްޖެ ހިމެނޭހެން 8 ޤައުމަކުން 51 ދިރާސީ ކަރުދާސްވަނީ ހުށައަޅާފައިކަމަށް މެޑިކަލް ކޮލެޖުން ބުންޏެވެ.
އޭގެތެރޭގައި އިންޑިއާއާއި ނޭޕާލްއާއި، ބަންގްލަދޭޝްއާއި، އިންޑޮނޭޝިޔާއާއި ރޮމޭނިޔާއާއޮ، މިޔަންމާގެ އިތުރުން އަލްޖީރިއާ ހިމެނެއެވެ. މިކޮންފަރެންސްގައި ދާއިރާގެ ތަޖުރިބާކާރުންގެ ކީނޯޓް ސްޕީކަރުންނާއި ޕްރެޒެންޓޭޝަން ހުށައެޅުންތައް ހުންނާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.
ކޮންފަރެންސްގެ ފަހު ދުވަހު ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއަށް ހުށައެޅިފައިތިބޭ ކުދިން ދެނެގަންނާނެގޮތައި، އެފަދަ ޙާލަތުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމުގެ ތަޖުރިބާކާރުން، ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށް ވޯކްޝޮޕެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޔޫއިން ބުނެއެވެ.