ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ރަސްމީ ވާހަކަތައް މިއަދު ބާއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ މިއަދެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ޕުޓްރާ ޕެރްޑާނާ ކޮމްޕްލެކްސްގައި އޮތް ރަސްމިއްޔާތެއްގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމެވެ.
ރައީސް ޑރ. މުއިއްޒު ހޯލަށް ވަޑައިގަތުމާ އެކު، ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އަދި އެމަނިކުފާނު ވަނީ ގާޑް އޮފް އޮނާއެއް އިންސްޕެކްޓްކޮށް ދެއްވައިފައެވެ.
އޮނާ ގާޑަށް ފަހުގައި ދެވަނަ ފަހަރަށް ގައުމީ ސަލާމް ކުޅެފައިވެއެވެ. އަދި ރާއްޖޭގެ ގައުމީ ސަލާމަށް ފަހު މެލޭޝިއާގެ ގައުމީ ސަލާމް ވެސް ކުޅުނެވެ. އޭގެ ފަހުގައި އޮތީ ރާއްޖޭގެ ވަފްދުގެ ބޭފުޅުންނާއި މެލޭޝިއާގެ ހެޑް އޮފް މިޝަންގެ ބޭފުޅުން ތައާރަފް ކުރުމެވެ.
ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ ރައީސް ޑރ. މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ހޯމް މިނިސްޓަރު އަލީ އިހުސާން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު، ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލެވެ.
އޭގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ މުހައްމަދު ނަސީރު، ރާއްޖެ އިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަހުދީ ވެސް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރިއެވެ.
މިދިޔަ އަހަރު ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ކުރި ވިޔަފާރ ވަނީ %4.3 ކުރިއަރައިގެން ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް 189 މިލިއަން ޑޮލަރުގެ ވިޔަފާރި ދެ ގައުމުގެ ދެމެދުގައި ކުރިއެވެ. އޭގެ ކުރީ އަހަރު، 2023 ގައި 180.9 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރިއެވެ.