މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި ޚިދުމަތަކީ ރާއްޖެއިން ބޭރުގައި ފެށުނު ފުރަތަމަ މިފަދަ ޚިދުމަތެވެ. މާދަމާއިން ފެށިގެން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން މި ޚިދުމަތް ފޯރުކޮށްދޭން ފަށާނެއެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ކިޔަވާ ކުދިން ދިރިއުޅެމުންދާ ޤައުމަކަށްވުމާއެކު، މި ޚިދުމަތް ފެށުމަކީ އެތަނުގައި ދިރިއުޅޭ ދިވެހިންނަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، މި ރަސްމިއްޔާއްޔާތުގައި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން ތަމްސީލުކުރާނެ ސްޓޫޑަންޓް އެސޯސިއޭޝަނެއް ވެސް އުފައްދާފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިފަދަ ޖަމްޢިއްޔާއެއްގެ މުހިންމުކަން އެމަނިކުފާނަށް އެނގިވަޑައިގަތީ އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވި ދުވަސްވަރުއެވެ. އަދި ދިވެހި ދަރިވަރުން ތިބޭ ކޮންމެ ތަނެއްގައި އެ ދަރިވަރުން ތަމްސީލުކުރާނެ ބަޔަކު ތިބުމަކީ ދަރިވަރުންނަށް ވެސް ފަސޭހަވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
އިތުރު އެހީތެރިކަމެއްގެ ގޮތުން، ރައީސް މުޢިއްޒު އިޢުލާނުކުރެއްވީ މި އަލަށް އުފެދުނު ޖަމްޢިއްޔާއަށް މަހަކު 3,000 އެމެރިކާ ޑޮލަރުގެ އެހީއެއް ދެއްވާނެ ކަމަށެވެ. މި ފައިސާއަކީ ޖަމްޢިއްޔާ ހިންގުމަށް ބޭނުންކުރާނެ އެހީއެއްކަމަށް ރައީސް ވިދާޅުވިއެވެ.