ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށެވެ. އަދި ދޯނި ގެއްލުނުއިރު ދޯނީގައި ތިބީ 5 މީހުން ކަމަށާއި، އެއީ 3 ދިވެހިންނާއި 2 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި ކަމަށާއި، އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރުތަކެއް ނުވާ ކަމަށާއި، އޭގެ ފަހުން ދޯންޏާ ގުޅިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތު ދީފައިވާ ކަމަށާއި، ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
ފުލުހުން ވަނީ މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އެންގުމަށް އެދިފައެވެ.