މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ ޒިކުރާ މިސްކިތް އަދި ބޮނޑިބަތް ޕާކު ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީން އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން، 35 ބިދޭސީއަކު ޗެކްކޮށް އޭގެތެރެއިން 13 ބިދޭސީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތުން އެޕްރީލް 23 ވަނަ ދުވަހު ރ. ދުވާފަރުގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ނުގަވާއިދުން އުޅެމުންދިޔަ 51 ބިދޭސީއަކު އަތުލައިގެންފައިވެއެވެ.