2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހެދި ކޮމިޝަނަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެ ރިޔާސީ ކޮމިޝަން އުފެއްދެވީ، ހައްވާ ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ތަހުގީގުކޮށް، ލަފާ ދިނުމަށް ޓަކައި، މި މަހުގެ 27 ވަނަ ދުވަހުއެވެ.
އެ ކޮމިޝަނުން މެމްބަރަކު އިސްތިއުފާ ދެއްވާފައިވާއިރު، މިހާރު ވަނީ ކޮމިޝަނުގެ މެމްބަރުންނަށް ބަދަލުތަކެއް ގެންނަވައިފައެވެ. މި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ:
ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ
ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑރ. މުޙައްމަދު މުނައްވަރެވެ. މި ބަދަލު އިއުލާންކުރައްވައި ނެރުއްވާފައިވާ ގަރާރު، މިހާރު ވަނީ ގެޒެޓްކުރައްވައި އާންމުކުރައްވާފައެވެ.
ރައީސްގެ ގަރާރުގައި ވިދާޅުވެފައިވާގޮތުގައި ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ:
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން.
- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
- ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން.
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން.
އެ ގަރާރުގައި ވިދާޅުވެފައި ވަނީ މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައެޅުމާ ހަމައަށް ދެމިއޮންނާނެ ކޮމިޝަނެއް ކަމަށެވެ.