މާލެ ސިޓީގެ ޕާކިންގގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަރަށް ގިނަ ކަންކަން ހިމެނިފައިވާނެކަމަށާއި، އޭގެ ތެރޭގައި ދާއިމީކޮށް އެކަން ހައްލުކުރެވޭނެގޮތާއި، ވަގުތީގޮތުން އެކަމަށް އެޅޭނެ ފިޔަވަޅުތައް ފާހަގަކޮށްފައިވާނެކަމަށް މާލެ ސިޓީގެ މެޔޭރު ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލުން މަސައްކަތްކުރަމުން ދަނީ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މާލޭގެ ޕާކިން މައްސަލައަށް ވީ އެންމެ އަވަސް ހައްލެއް ގެނައުމަށްކަމަށެވެ. މޭޔަރު މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖް ހިމެނޭގޮތަށް މާލޭގެ އެކި ސަރަޙައްދުތަކުން 320 ކާރު ޕާކުކުރަން ޖާގަ އިއުލާންކުރާނެ ކަމަށާއި ގާތްގަނޑަކަށް 80 ވޭން ނުވަތަ މިނީ ބަސް، ނޫނީ އެ ސައިޒުގެ 4 ފުރޮޅުލީ ވެހިކަލްތަކަށް ޖާގަ ކުއްޔަށްދޭން ހުޅުވާލާނެ ކަމަށެވެ. އަދި 50 ޕިކަޕް ނޫނިއްޔާ ކުދި ލޮރީ ޕާކުކުރަން ޖާގަ ކުއްޔަށްދޭން މިއަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށާއި މި ސްލޮޓްތައް ހުޅުވާލީމައި ކުރިމަތިލައި އެ ސްލޮޓްތައް ކާމިޔާބުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ކައުންސިލުންވެސް ވަގުތީ ޕާކިންގ ސްލޮޓްތަކެއް މާލޭގެ މަގުމަތިންނާއި ބިންތަކުން ކުއްޔަށްދޫކޮށްފައިވާއިރު މިހާރުގެ ކައުންސިލުގެ ވިސްނުންވެސް ހުރީ މިކަމަށް ދާއިމީ ހައްލެއް ލިބެންދެން އިންޑަސްޓްރިއަލް ވިލެޖް ހިމެނޭހެން މާލޭގެ އެކި ސަރަޙައްދުތަކުން ވަގުތީ ޕާކިންގ ސްލޮޓްތަކެއް ކުއްޔަށްދޫކުރުމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 450 އެއްހާ ވެހިކަލް ޕާކުކުރުމަށް ޖާގަ ކުއްޔަށް ދޫކުރުމަށް އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް މޭޔަރ ވިދާޅުވިއެވެ.