ރާއްޖޭގެ އެކި ކަންކޮޅުތަކަށް އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ބ. އަތޮޅުގެ ދަރަވަންދޫ އަދި އޭދަފުށީގައި މިހާރު އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ޚިދުމަތް ބ. އަތޮޅުގައި ޤާއިމްކުރެވުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ނައިސް އަމިއްލަ ރަށުގައި ތިބެގެން އައިޑީކާޑު ހެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީކާޑު ހެދުމުގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ޑީއެންއާރުން ބުނެފައިވެއެވެ.
މީގެއިތުރުން، ދިވެހިން ގިނައިން ދިރިއުޅޭ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރާއްޖޭގެ އަތޮޅުތަކުގައި ޤާއިމުކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެންމެ ފުރަތަމަ މި ޚިދުމަތް ޤާއިމްކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ. މިހާރު ރާއްޖޭގެ 7 އަތޮޅެއްގައި މި ޚިދުމަތް ޤާއިމްކުރެވިފައިވާއިރު، އަހަރު ނިމުމުގެ ކުރިން އިތުރު 13 އަތޮޅުގައި މި ޚިދުމަތް ޤާއިމްކުރެވޭނެކަމަށް ޑީއެންއާރުން ބުނެއެވެ.