ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓް ލިބޭނޭ ކަމަށް އިއުލާންކޮށްފައިވާ ދާއިމީ ލިސްޓަށް ފްލެޓް ދޭން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިން ކޮށްފައިވާ އިއުލާނުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން އިތުުރު ލިސްޓެއް ފައިނަލް ލިސްޓެއްގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން," މުއްތަލިބް ވިދާޅުވި އެވެ.
ނަމަވެސް، މި ލިސްޓަށް އަމަލުކުރުމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބައެއް ކަންކަމަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހަދަމުން އަންނަ 4،000 ފްލެޓްގެ ތެރެއިން މިހާތަނަށް ނިމިފައި ވަނީ 1،000 ފްލެޓް ކަމަށް މުއްތޮލިބު ހާމަކުރެއްވި އެވެ. އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅާ ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފަ އެވެ. އެ ލިސްޓްގައިވާ ގޮތުން ޝަރުތު ހަމަވަނީ 1،820 މީހުންނެވެ. އެ ލިސްޓަށް 8،000 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް މުއްތޮލިބު ފާހަގަކުރެއްވި އެވެ.
މުއްތޮލިބު ވިދާޅުވި ގޮތުގައި، ކުރިން ބެލި ގޮތަށް އެހާ ހަރުކަށި އުސޫލަކުން ބަލައިގެން ފްލެޓް ލިބޭނޭ މީހުން ނިންމާ ނަމަ އެކަންކޮށް ދުވަހަކު ވެސް ނުނިމޭނެ އެވެ. އެހެންކަމުން، އެންމެ މަސްލަހަތު ހުރި ގޮތަކީ ކުރީގެ ލިސްޓަށް ބަލައިގެން ފްލެޓްތައް ހަވާލުކުރަމުން ގެންދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.