ބަންޑާރަނައިބު (އޭޖީ) އޮފީހަށް ޑެޕިއުޓީ އޭޖީއަކު އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އޭޖީ އޮފީހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ 15ވަނަ ދުވަހެވެ.
ބިލުގައިވަނީ އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކޮށްފައެވެ. މި ބިލު ތަސްދީގު ކުރެއްވުމާއެކު އޭޖީ އޮފީހުގެ ގާނޫނު ވުޖޫދުވީއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
އޭޖީ އޮފީހުގެ ގާނޫނަކީ ގާނޫނު އަސާސީން އޭޖީއަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދޭނެ ދައުލަތުގެ ވަކީލުންނާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ، ހިންގުމުގެ އޮނިގަނޑު ގާއިމްކޮށްދޭ ގާނޫނެކެވެ.
ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކޮށް އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި އުސޫލުތައް ބިލްފައި ވަނީ ފާހަގަކޮށްފަ އެވެ.
އޭޖީ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކީ ވެސް މި ގާނޫނުގެ އެއް ބޭނުމެވެ.
ޤާނޫނުއަސާސީގައި އޭޖީ އޮފީސް މިނިވަންތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތަސް، މިހާތަނަށް އެ ތަން ހިންގަމުން އައީ ސިވިލް ސާވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ މުއައްސަސާތައް ހިންގަނީ ވަކި ގާނޫނުތަކެއްގެ ދަށުންނެވެ.
ހަމަ އެ ގޮތަށް 2021ވަނަ އަހަރު އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނާއެކު، ފޮރިން މިނިސްޓްރީ ވެސް ވަނީ ސިވިލް ސާވިސްގެ ދަށުން ވަކިކޮށްފައެވެ.