ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެކުނު ކޮރެޔާގެ އިންތިހާބީ ރައީސް، ލީ ޗޭއި-މައިޔޮންގް، އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދެކުނު ކޮރެޔާގެ އިންތިހާބީ ރައީސަށް، ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް ވިދާޅުވެ، އިންތިހާބުގެ ނަތީޖާއަކީ، ގައުމުގެ ހަމަޖެހުން ކަށަވަރުކޮށް، ކުރިއެރުން ދެމެހެއްޓުމަށް އިންތިހާބީ ރައީސް، ލީގެ ތަސައްވުރަށް، ދެކުނު ކޮރެޔާގެ ރައްޔިތުން ކޮށްފައިވާ ވަރުގަދަ އިތުބާރު ހާމަކޮށްދެނިވި ކަމެއްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
އަދި އިންތިހާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ދެކުނު ކޮރެޔާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްހަމަސަލަސްކަމަށްވެސް، ރައީސް މުއިއްޒުގެ މެސެޖުގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.