އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ޓޭބަލް ޓެނިސް ކުޅުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި ތަކެއްޗާ ހަވާލުވެވަޑައިގަތީ އިސްރަށްވެހިންގެ ނާދީ ހިންގަމުން އަންނަ ސޯޝަލް އެންޑް ފެމިލީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ.
އިސްރަށްވެހިންގެ ނާދީގައި މި ކުޅިވަރު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓޭބަލް ޓެނިސް އެކަޑެމީގެ އެހީތެރިކަމާ އެކީގައެވެ. މި ޕްރޮގްރާމްގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސްރަށްވެހިންނަށް މަގުފަހިވުމުގެ އިތުރުން، ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކުރުމަށް ފުރުސަތު ލިބިގެން ދާނެއެވެ.
އިސްރަށްވެހިންގެ ނާދީއަކީ އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު އެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގަމުންދާ، އިސްރަށްވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދައިފާ މަރުކަޒެކެވެ.
އެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު 55 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް އޮންނާނެއެވެ.