ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ރަނގަޅުވާން ފަށާނީ އަންނަ އަންގާރައިގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިހާރު ކުރަމުންމިދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އަލިވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސަމަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައި ގަދަވާނެ ކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.