މިދިޔަ ވެރިކަމުގައި އެއްވެސްް އުރަތްޕެއް ފަންވަރެއް ނެތް ކަމަށާއި ކޮރަޕްޝަނާއި ފަސާދަ އޮތީ އިންތިހާއަށް އާންމުވެފައި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީއިން) ކުރިއަށްދިޔަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ކުރީ ސަރުކާރުގައި ޤައުމު އޮތީ މިނިވަންކަމާއި ސިޔާދަތާމެދު ސުވާލު އުފެދޭ ހާލަތެއްގައި ކަމަށެވެ. އަދި އެދުވަސްވަރު ދިވެހި ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ، މާޔޫސްވެފައިވާ ކަމަށާއި، ޤައުމުގައި ކޮންމެހެން ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ރައްޔިތުން ވަނީ ގަބޫލުކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފުވުމަށްފަހު އައި ކޮންމެ ވެރިކަމެއްގައި ވެސް ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވެގެންދިޔަ އިރުވެސް، ސިޔާސީ ލީޑަރުން މަސައްކަތްކުރައްވަމުން ގެންދަވަނީ މިނިވަންކަމާއެކު ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމުގެ ބާރުތައް ލިބިލެއްވި ހިނދު، ޕީއެންސީ ވެރިކަމާ ހަވާލުވި ހިނދު، ދިވެހި ރައްޔިތުންނަށް ހުވާލީ އަމާން ވެއްޓެއް. ސިޔާސީގޮތުން އެއްވެސް މީހަކު ހައްޔަރުނުކުރެވި، ސިޔާސީ މަސައްކަތަށް ދޫކުރެއްވީ ގައުުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިދެންނެވި ހުރިހާ ކަމެއްގެ އަގު އަދާކުރަން ޖެހުނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، ހުރިހާ ބުރައެއް އުފުލަން ޖެހުނީވެސް ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މިކަންކަމުން މިންޖުވުމަށް ރައްޔިތުން އެދުނު ދުވަހު، އެކަމަށް އިޚްތިޔާރުކުރެއްވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުން މާޔޫސްވެފައިވާ ދަނޑިވަޅެއްގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ކުރައްވަނީ ގައުމު ބިނާކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށެވެ.