ރާއްޖޭގެ ރައީސަކަށް ފަސް އަހަރުގެ ދައުރެއް ލިބިގެން ގައުމު ތަރައްގީއެއް ނުކުރެވޭނެ ކަމަށާއި ދެވަނަ ދައުރެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި މުހައްމަދު އިސްމާއީލް ވިދާޅުވީ ގައުމުގެ ހައްގުގައި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ރައްޔިތުން ދޭންޖެހެނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ދައުރެއް ތެރޭ ރައީސަކަށް ނުކުރެވޭނެތީ ކަމަށެވެ.
"ދެހާސް އަށެއްގައި އަޅުގަނޑުމެންނަށް މި ލިބުނު ވެރިކަމުގެ ތެރެއިން އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރުގައި ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން މިއަދު ވިސްނާ ފިކުރު ކުރަން އެބަޖެހޭ ފަސް އަހަރުގެ ދައުރެއް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެނެއް ގައުމެއް ތަރައްގީއެއް ނުކުރެވޭ" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
މިހާރު ރިޔާސީ ދައުރު އޮތް ގޮތުން، ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ޕްލޭނުތައް ހަދައި، އިތުރަށް ފައިސާ ހޯދައި ނިމޭއިރު ދައުރެއްގައި ބާކީ އޮންނަނީ ތިން އަހަރު ކަމަށެވެ. އެގޮތުން ފައިސާ ހޯދުމަށް ފަހު މަސައްކަތް ކުރަން ލިބެނީ ދޮޅު އަހަރެއް ނުވަތަ ދެ އަހަރާއި ބައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، 2028ގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދޭން ޖެހޭ ކަމަށާއި އެއީ ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.