އީރާނުން އިޒްރޭލަށް ހަމަލާތަކުގެ އާ ރާޅެއް ފަށައިފި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ އީރާނުން އިޒްރޭލަށް ފޮނުވި ހަމަލާތަކުގެ ތެރޭގައި ޑްރޯންތަކާއި މިސައިލްތައް ހިމެނޭއިރު، އެ ހަމަލާތައް އިޒްރޭލުގެ ހައިފާ އާއި ތެލް އަވީވް އާއި ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ.
އީރާނުން ދާދި ދެންމެ ވަނީ އިޒްރޭލާއު ދެކޮޅަށް ހަމަލާތައް ފަށާފައިވާކަން އިއުލާނުކޮށްފައެވެ. އަދި މިރޭ އިޒްރޭލާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
މިއަދު އިޒްރޭލުން ވަނީ އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލެއް ކަމަށްވާ އައިއާރުއައިއެންއެންއިން ޚަބަރު މިއަދު ކިޔަމުން ދަނިކޮށް ޓީވީގެ އިމާރާތަށް މިސައިލް ހަމަލާއެއް ދީފަ އެވެ.
އިޒްރޭލުން އިސްވެ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އީރާނަށް މިސައިލް ހަމަލާތައް ދެމުންދާއިރު އީރާނުން ވެސް ދަނީ އިޒްރޭލަށް ރައްދު ހަމަލާތައް ދެމުންނެވެ.
އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އީރާނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 200 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި އީރާންގެ ހަމަލާތަކުގައި އިސްރާއީލުން މަރުވި މީހުންގެ އަދަދު ވަނީ 20 އަށް ވުރެ މައްޗަށް އަރައިފައެވެ.