ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެމްޑީޕީއާ އަލުން ގުޅެން ނިންމައިފި އެވެ.
ނަޝީދު އާއި އީވާ އެމްޑީޕީއާ ގުޅެން ނިންމީ ދާދި ދެންމެއަކު ބޭއްވި ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ގަރާރެއް ފާސްކުރުމަށްފަހު އެވެ. ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
ޑިމޮކްރެޓްސްއިން މިއަދު ވަނީ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް ބާއްވައިފައެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.
ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު އެވެ.
ޑިމޮކްރެޓްސްގެ ނިންމުމާ ގުޅިގެން އެމްޑީޕީން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.