މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, އެ ގެއާ ޖެހިގެންހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އިންކުއަރީ ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅި ރިޕޯޓު އެންމެނަށް ފެންނާނެހެން ހާމަކުރަން ރައީސް މިއަދު އަންގަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ރިޕޯޓް އެއްކޮށް، އޮތްގޮތަށް އާންމުކުރަން މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި މައްސަލަ ބެލި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރުގެ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.
އެ ކޮމިޝަނުން ބޭއްވި ހަމައެކަނި މީޑިއާ ބްރީފިންގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މެންޑޭޓުގައި އޮތީ ހާދިސާ ހިނގި ސަބަބު ތަހުގީގުކޮށްފި ތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި އެކަން ކޮށްފައި ނެތް ނަމަ ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.