މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ފިރުޝާން ޑިމޮކްރެޓްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފިރުޝާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއަދުން ފެށިގެން ދަ ޑިމޮކްރެޓްސް ނައިބު ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދީފީމެވެ." ކަމަށެވެ.
ފިރުޝާންއަކީ ވެސް މިދިޔަ މަޖިލިސް ދައުރުގައި އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑަިއގެންނެވި 12 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. ފިރުޝާން އެމްޑީޕީން ވަކިވެވަޑައިގަތީ 2023 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު އެވެ.
ފިރުޝާން ޑިމޮކްރެޓްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފިކަން އިއުލާން ކުރެއްވި އިރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެމްޑީޕީއާ އަލުން ގުޅެން ނިންމަވާފައިވާކަން ވަނީ އިއުލާން ކުރައްވާފަ އެވެ.
ދާދި ދެންމެއަކު ބޭއްވި ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ގަރާރެއް ފާސްކުރުމަށްފަހު އެވެ. ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.