ޑިމޮކްރެޓްސް ޕާޓީ އުވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ދެންމެ ގަރާރެއް ފާސްކޮށްފި އެވެ.
ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.
ޑިމޮކްރެޓްސްއިން މި ގަރާރު މިއަދު ފާސްކުރީ އެ ޕާޓީގެ ގިނަ ބައެއްގެ ތާއީދާއެކު އެވެ.
މިފަދަ ގަރާރެއް ޑިމޮކްރެޓްސްއިން މިއަދު ފާސްކުރިއިރު، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާއި ނަޝީދު އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެމްޑީޕީން އަދި މި ނިންމުމާމެދު އެއްޗެއް ބުނެފައެއް ނުވެ އެވެ.