މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / ސްނޯވައިޓް، އަޙްމަދު ވަސްމީ (26އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން 30 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށެވެ.
މިގޮތުން އޭނާ ގާތު ފުލުހުން މަޑުކުރަން ބުނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ބިންމައްޗަށް ވައްޓައިލުމުން އެ ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ ތިން ގުރާމު ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ވަސްމީ (26އ) ގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.