މަތީ ތަޢުލީމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން (އައިޓީއީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރަތުން ސޮއިކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ޓިވެޓް އަދި ދިރާސާގެ ދާއިރާތަކުން ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
އެ ވުޒާރާއިން ބުނީ މިއީ ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ތެރެއިން ރާއްޖޭގެ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ވުޒާރާއިން ވަނީ މި އެމްއޯޔޫއާ ގުޅިގެން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.