މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން "ދަ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް" (ޖޭ.ޑީ.އެސް) ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމަކީ ޖަޕާނުގެ ޔުނިވާސިޓީތަކުން މާސްޓަރސް ޑިގްރީ ހާޞިލުކުރުމުގެ 6 ފުރުޞަތެއް ދިވެހިރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ފޯރުކޮއްދިނުމުގެގޮތުން ސޮއިކުރެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ. އަދި ޖައިކާ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މރ. މޮޓޯ ޓަކީ އެވެ.
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އަކީ ދުނިޔޭގެ އެކި ޤައުމުތަކާއި ގުޅިގެން ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ސިއްޚީ ދާއިރާ އަދި ތަޢުލީމީ ދާއިރާ ފަދަ މުޙިއްމު އެކި ދާއިރާތަކަށް ބޭނުންވާ ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމަށް މަސައްކަތްކުރުމަށް ޖަޕާނުގެ ދަޢުލަތުން ޤާޢިމުކުރެވިފައިވާ އޭޖެންސީއެކެވެ. އެގޮތުން، ދިވެހިރާއްޖެއާއި އޭޝިޔާއަށް ނިސްބަތްވާ އެހެނިހެން ޤައުމުތަކުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޖޭއައިސީއޭ އިން ދަނީ ތަފާތު އެކި ޕްރޮޖެކްޓްތަށް ކުރިއަށްގެންދަމުންނެވެ.
ޖައިކާގެ ޖޭ.ޑީ.އެސް ސްކޮލަރޝިޕް ގްރާންޓްގެ ދަށުން ދިވެހި ދަޢުލަތުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ގްރާންޓްގެ ދަށުން، މިހާތަނަށް ޖުމްލަ 22 ދިވެހި ދަރިވަރުން ވަނީ ޖަޕާނުގެ ޔުނިވާސިޓިތަކުން މަތީ ތަޢުލީމު ހާޞިލުކޮށްފައިވާކަމަށް މިނިސްޓްރީން މައލޫމާތުދެއެވެ.