ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް 2،000 ޑޮލަރާ ހަމައަށް ބޭންކުތަކުން ޑޮލަރު ލިބޭނެ ގޮތަށް ހަމަޖައްސައިފިއެވެ.
އަންނަ މަހުން ފެށިގެން މިގޮތަށް ހަމަޖައްސަން އަންގަވައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެސްގައި ވަނީ އިއުލާންކުރައްވާފައެވެ.
މިހާރު ވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ބޭންކު ރޭޓުގައި ބޭންކު މެދުވެރިކޮށް ޑޮލަރު ލިބެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންނަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މި ފެށޭ އޯގަސްޓު އެއްވަނަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް އަންގަވައިފައިވާ ކަމަށެވެ.
އަދި އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ މީހުންނަށް ވެސް އެ ދުވަހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށެވެ.
ޑޮލަރު ލިބުން ދަތިވެ މިހާރު ޑޮލަރުގެ އަގު ކަޅުބާޒާރުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.