ނ. ލަންދޫ ރައްޔިތުންނަށް ބޭނުންވާ ކަންކަން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން، ވީ އެންމެ ރަނގަޅަކަށް، މިސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސް މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު، ނ. ލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރަންޖެހޭކަންކަން ހަމަޖެހި، ޚިދުމަތް ދިނުމަށް ބޭނުންވާ އިތުރު މުވައްޒަފުން ހަމަކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ މިނޫންވެސް ކަންކަން ފުރިހަމަކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.
އެގޮތުން، ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން ފެށިފައިވާއިރު، އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައެއް މަސައްކަތްތައްވެސް ދާދި އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ވަކީން ޚާއްޞަކޮށް، ހޭންޑްބޯލް ކޯޓު ތަރައްޤީ ކުރުމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ބޭނުންވެފައި އޮތް ކަމަކަށް ވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ސީދާ އެކަމަށް ޚާއްޞަ ކުރައްވައިގެން ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ނ. ލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މޫދަށް އެރި އުޅުމަށް ޚާއްޞަ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ ވަޢުދަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެމަސައްކަތް 7 ވަނައަށް ފަށަން އޮތް ބެޗުގައި ނ. ލަންދޫ ހިމަނުއްވާނެކަމަށެވެ. މިއާއެކު މިއަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބުގައި އެއްބަސްވުމުގައި ސޮއިކުރުމާ ހިސާބަށް ގެންދެވި، ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތްތައް ފަށްޓަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ނ. ލަންދޫ ސްކޫލުގެ ތަރައްޤީއަށް ސްކޫލަށް ބޭނުންވާ އިތުރުކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށާއި، ތަޢުލީމީ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީ ހާސިލުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ. ހަމަ މިއާއެކު ނ. ލަންދޫގައި ޤާއިމުކުރާ އައިސް ޕްލާންޓުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމަށާއި ދެން އެމަނިކުފާނު ނ. ލަންދޫއަށް ވަޑައިގަންނަވާއިރު، މިކަންކަން ނިމިފައި ހުރުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސް ވިދާޅުވި އެވެ.