ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މިއިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމުހޫރިއްޔާ ނ އަތޮޅަށް ކިރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވަޑައިގެންނެވިއެވެ.
ނ. އަތޮޅުގައި އަޅާ މިހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އަދި މިއީ 187 މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
މިއީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލަކެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އެޅިފައިވާނެއެވެ.
އަތޮޅުތަކުގައި ދެވޭ ޞިއްޚީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ މިފަދަ އިމާރާތްތަކުން ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެއެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.