ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ ވުޒާރާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލީ މި އަހަރުގެެ މާރިޗް މަހުގެ ފަހުކޮޅެވެ.
އެ ވުޒާރާއިން ވިދާޅުވީ މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،338 ދަރިވަރުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން 806 ދަރިވަރުން ޝަރުތު ހަމަވި ކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ނަތީޖާ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.
އަދި ނަތީޖާއާއި ގުޅޭގޮތުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ އޮގަސްޓް ތިން ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ވުޒާރާއަށް އީމެއިލް ކުރުމަށް އެދިފައެވެ.
ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ޑިޕްލޮމާ، ބެޗްލާސް، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބެއެވެ.
މި ސްކީމުގެ ދަށުން ދެ ބަޔަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވާ އިރު، ލޯން ދެނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. ލޯނު ދޭން ހަމަޖެހިފައިވަނީ 700،000ރ. އަށް ވުރެ ބޮޑު ނުވާ އަދަދަކަށެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ %1 ނުނަގަން ނިންމަވައިފައެވެ.