މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ “ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް”ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިންގ ރޫމް ހުޅުވައިފިއެވެ.
“ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް” ގެ ސެންޓްރަލް ސީސީޓީވީ މޮނިޓަރިންގ ރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ.
މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީޜު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ ޑައިރެކްޓަރ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު، ކޮމިޝަންޑް އޮފިސަރުންގެ އިތުރުން، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން އިބްރާހިމް މަފާޒް އާއި ޢަބްދުﷲ ވަހީދު މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
“ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް” އަކީ މުޅިން އަލަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އުފެއްދި ކޮމާންޑެކެވެ. ކަރެކްޝަންސް އިން ހާމަކޮށްފައިވާ ގޮތުގައި މި ކޮމާންޑްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނީޓަރ ކުރުމާއި ސެކިއުރިޓީ ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަންކަން ތަންފީޛުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.
މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ ހުޅުމާލޭ ޖަލުގައި އަލަށް ހަދާ ހެޑް އޮފީހުގެ އިމާރާތުގައި ޤާއިމުކުރެވުނު ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ އޮފީހުގައި މި ސަރވިސްގެ ހުރިހާ ޖަލެއްގެ ސީސީޓީވީތައް 24 ގަޑިއިރު މޮނީޓަރ ކުރެވޭ ރޫމްއެއް އެކުލެވިގެންވާ ކަމަށެވެ. އެގޮތުން ސީސީޓީވީ ވީޑިއޯ ފުޓޭޖް ސްޓޯރކުރުމަށާއި ވީޑިއޯ އެނަލައިޒްކުރުމަށް ބޭނުންކުރާނީ ބޭނުންކުރަނީ އެކަމަށް ޚާއްސަ ޓެކްނޮލޮޖީއެކެވެ. މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދާލެވޭ ނިޒާމެއް ކަމަށާއި، މުސްތަގްބަލްގައި މިސިސްޓަމްއަށް AI އިންޓަރގުރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސް އިން ބުނީ މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ޖަލުތަކުގެ ސެކިއުރިޓީ ކުރިއަށްވުރެއް ހަރުދަނާވެ، ޖަލަށް މަނާތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް މަދުވެގެންދާނެ ކަމަށާއި، ހާދިސާއެއް ހިނގައިފިނަމަ، އެކަމަށް އަވަހަށް އެޓެންޑްކުރެވުމާއި އޮފިސަރުން ޒިންމާއުފުލުމުގައި މިހާރަށްވުރެއް ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން ފަދަ ކަންތައްތައް ވެސް ރަނގަޅު ވެގެންދާނެ ކަމަށެވެ.