ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހާއްސަ ޕޯޓަލްއެއް އެޗްޕީއޭއިން ތައާރަފްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ 6 ޖުލައި އިން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހޭނީ ހަަމައެކަނި book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމުން ކަމަށެވެ. ވެކްސިން ސެންޓަރުތަކުން ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ދޫ ނުކުރާނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
މިހާރު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ހުޅުވާލައިފާވަނީ ފެބްރުއަރީ އަދި މާރިޗްގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ. އެޗްޕީއޭއިން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސްއެމްއެސް އެއް ލިބޭނެ ކަމަށާއި ވެކްސިން ޖަހައިދޭނީ މި އެސްއެމްއެސް ވެކްސިން ސެންޓަރަށް ދެއްކުމުން ކަމަށެވެ.
ހަމަޖެހިފައިވާ އެޕޮއިންޓްމަންޓް ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.