ލ. މާވަށުގައި ހިންގި މާރާމާރީގައި މަރުވި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29 އ) ގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސްފިއެވެ.
މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވަނީ އޮގަސްޓު 6 ވަނަ ދުވަހު އެވެ. އަދި އޮޓޮޕްސީ އަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިރޭ ކަމަށް ފުލުހުން ބުންޏެވެ.
ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް (29 އ)، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. މި މައްސަލައިގައި ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދައިފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.