ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނީ އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، 2025 ވަނަ އަހަރުގެ ބަޖެޓުގެ އާމްދަނީއިން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް ބޭންކްތަކަށް ފޮނުވާފައިވާ ކަމަށެވެ.
މިގޮތުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 13,316,689.57ރ. އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 8,454,780.51ރ. ދޫކޮށްފައިވެއެވެ.
މީގެ އިތުރުން ޢަދާލަތު ޕާޓީ (އޭޕީ) އާސް 1,713,538.65ރ. ދޫކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) 2,656,598.57ރ. އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް 1,769,648.69ރ. ދޫކޮށްފައިވާ ކަމަށް އީސީން ހާމަކުރެއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 ކަމަށްވާތީ، 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ 5 ސިޔާސީ ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކުރެވިފައިވާ ކަމަށް އީސީން ހާމަކުރެއެވެ.