މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލައި ސިޔާސީ ޕާޓީގެ ދަފުތަރުން އުނިކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
އީސީން މިގޮތަށް ނިންމާފައިވާއިރު، އެމްޓީޑީ އުވާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޓީޑީން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީސީން ޤާނޫނާ ޚިލާފަށް އެ ޕާޓީ އުވާލުމަށް ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެއީ ކަނޑައެޅިގެން އެ ޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި އެ ޕާޓީއަށް ޤާނޫނުއަސާސީން ލިބިދީފައިވާ ދުސްތޫރީ ޙައްޤު ގެއްލޭ ގޮތަށް ޑިއު ޕްރޮސެސްގެ ފުރުޞަތުވެސް ނުދީ ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން އެމްޓީޑީން ބުނީ މިއީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމާއި ބައިވެރިވުމުގެ އަސާސީ ޙައްޤަށް ނުރައްކާވާ ގޮތަށް ހިންގާފައިވާ ޢަމަލެއް ކަމަށެވެ.