ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް 3 މެންބަރަކު ޢައްޔަނުކުރައްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި 3 މެންބަރުންނަކީ މުޙައްމަދު ނާޞިޙާއި ޑރ. ޙުސައިން ފާއިޒް އަދި ޑރ. ދީބާ މޫސާއެވެ. މި މެންބަރުން ޢައްޔަނުކުރެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެގޮތުން، މި ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ. މި 3 ބޭފުޅުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި 3 މެންބަރުން، އެ މަޤާމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އެބޭފުޅުންނާ ޙަވާލުކުރައްވާފައެވެ.
މުޙައްމަދު ނާޞިޙާއި ޑރ. ޙުސައިން ފާއިޒާއި ޑރ. ދީބާ މޫސާ ސީއެސްސީއަށް ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މި މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަޤާމުގެ މުއްދަތު މި މަހުގެ 3 ވަނަ ދުވަހަށް ހަމަވާތީއެވެ.