އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ކުޑަކުދިންވެސް ކަރަންޓީންވާން ނުޖެހޭ ގޮތަށް ހަދައި އެކަން އެޗްޕީއޭއިން އިއުލާންކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން މީގެ ކުޑައިރުކޮޅެއް ކުރިން ނެރެފައިވާ އުސޫލުގައި ވަނީ ދަތުރުކުރާ ކުޑަކުދިން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހަމަޖައްސާފަ ކަމަށެވެ. މި އެންގުމުގައި ބުނެފައިވަނީ ޖުލައި 8 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ.
ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުން ދެހަފްތާ ފުރިހަމަ ކުރުމުން ކަރަންޓީނު ވުމަކާއި ނުލައި ރަށްރަށަށް ދަތުރު ކުރެވޭގޮތަށް އުސޫލުތަކަށް ބަދަލު ގެނެސް އެކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ.
މާދަމާއިން ފެށިގެން އަމަލު ކުރާ އެ އުސޫލުތަކުގައި ވާގޮތުން ވެކްސިން ފުރިހަމަ ކުރިނަމަވެސް 48 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާ އޮންނަން ޖެހެ އެވެ. އަދި ދަތުރު ކުރެވޭނީ މޮނިޓަރިންގައި ނެތް ރަށްރަށަށެވެ.
އަޟްހާ އީދު ބަންދާއި ދިމާކޮށް މި ލުއި ދިންނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވެކްސިން ފުރިހަމަ ކޮށް ދަތުރު ކުރެވޭ އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެ ފަރާތްތަކަށް ކަރަންޓީނުވުމަކާއި ނުލައި ދަތުރު ކުރެވޭނީ މި ސަރަަހައްދުގައި ބައްޔަށް ޕޮޒިޓިވްވާ ރޭޓު ފަސް އިންސައްތައަށްވުރެއް ދަށުގައި ހުންނަ ނަމައެވެ.