ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ އޮކްޓޯބަރު 7 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
އަދި މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލު ރާއްޖޭގެމީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއިބެހޭ އުސޫލު (ނަންބަރު: 2025/G-15) ގައި ހިމެނިފައިވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިކަމަށް އެދި ހުށަހެޅޭނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.