މޯލްޑިވްސް ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ ވިޔަފާރިތަކާއި މީހުންގެ ނަންތައް އާއްމުކުރަން ނިންމައިފިއެވެ.
ކަސްޓަމްސްގެ އުސޫލުގައިވާ ގޮތުގައި، ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް ހާމަކުރާނީ ވަކި ޝަރުތުތަކެއް ހަމަވުމަށް ފަހުގައެވެ.
ފައިސާ ނުދައްކައިގެން ނަން ހާމަކުރާއިރު އެ މައުލޫމާތު ޝާއިއުކުރާނީ ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ވެބްސައިޓާއި މީސް މީޑިއާ ހޭންޑުލްތަކުގައެވެ.
ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ނަން ހާމަކުރާނީ ނުދައްކާ ހުރި ފައިސާގެ އަަދަދު 10،000.ރ އަށް ވުރެ މަތިކަމަށްވާނަމައެވެ.
އެންމެ ފުރަތަމަ ކަމަކަށް ފައިސާ ނުދައްކާ ހުރި މީހަކަށް ކަސްޓަމްސްއިން ލިޔުމެއް ފޮނުވާނެއެވެ.
އެ ލިޔުން ފޮނުވޭނެ ގޮތްތައް އުސޫލުގައި ވަނީ ކިޔައިދީފައެވެ. އެއީ، ދީފައިވާ އެޑްރެހަށް ލިޔުން ފޮނުވުމާއި ސީދާ ގޮތެއްގައި ލިޔުން ހަވާލުކުރުމާއި އެ މީހެއްގެ ނަމުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިޔުން ފޮނުވުމާއި ކަސްޓަމްއަށް ދީފައިވާ މެއިލްއަށް ނުވަތަ ފޯނު ނަންބަރަށް ލިޔުން ފޮނުވުން ހިމެނެއެވެ.
އުސޫލުގައިވާ ގޮތުން ނަން ހާމަކުރާނީ ފައިސާ ދައްކަން އެންގުމުން އެ ފައިސާ ނުދައްކައި އަދި ބަހާލައިގެން ދައްކަން ވެސް އެއްބަސްނުވާ ފަރާތްތަކަށް، އެއިން ކޮންމެ މަރުހަލާއެއްގެ ދެމެދުގައި 15 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގައެވެ.