ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޖެނެރޭޝަނަލް ބޭންގެ ގާނޫނަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.
މި ގާނޫނަކީ ޖެނުއަރީ 1، 2007، ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުން ކުރުން މަނާކުރާ ގާނޫނެކެވެ. މިއީ ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
މި ގާނޫނުގެ ދަށުން، ޖެނުއަރީ 1، 2007، ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވުމުގެ އިތުރުން، އެ ކުދިންނަށް ދުންފަތް ވިއްކުމާއި، އިސްތިހާރު ކުރުމާއި، ދިނުން ވެސް މަނާ ވާނެ އެވެ.
މާދަމާ މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، ޖެނުއަރީ 1، 2007، ގައި އުފަންވެފައިވާ ބައެއް ކުދިންނަށް މިހާރު 18 އަހަރު ފުރިފައިވާނެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިހާރު ވެސް ދުންފަތުގެ އިސްތިއުމާލު ކުރަމުންދާނެ އެވެ. ނަމަވެސް މި ގާނޫނުގެ ސަބަބުން އެފަދަ ފަރާތްތަކަށް ދުންފަތް ބޭނުން ކުރުންވެސް މަނާވާނެ އެވެ.
ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ދުންފަތް ވިއްކާ ފަރާތްތަކުގެ މައްޗަށް ވަނީ ބޮޑު ޒިންމާއެއް އަޅާފަ އެވެ. އެގޮތުން، ދުންފަތް ގަންނަނީ ޖެނުއަރީ 1، 2007، ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރު ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެކެވެ. ދުންފަތް ބޭނުން ނުކުރެވޭނެ އުމުރުގެ މީހެއް ކަމަށް ޝައްކު ކުރެވޭ ނަމަ، އެމީހެއްގެ އައިޑީކާޑު ދައްކަން އެންގުމުގެ ބާރު ވިއްކާ ފަރާތަށް ލިބިގެންވެ އެވެ. މީގެ އިތުރުން، 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތް ވިއްކުމުގެ މުއާމަލާތެއްގައި ހަރަކާތްތެރިނުވެވޭނެ އެވެ.
އަލަށް ގެނައި ބަދަލުގެ ދަށުން، ދުންފަތް ވިއްކޭނީ ހަމައެކަނި އެކަމަށް ހާއްސަކޮށް ރަޖިސްޓްރީކޮށްގެންނެވެ. މި ފިޔަވަޅަކީ ދުންފަތުގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ. މީގެ ކުރިން ޑިސެމްބަރު 2024، ގައި ސަރުކާރުން ވަނީ ދުންފަތުގެ ޓެކްސް ބޮޑުކޮށް، ވޭޕް ބޭނުން ކުރުން ވެސް މަނާކޮށްފަ އެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުޑަކޮށް، ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.








