އދ. މަންދޫގައި ޤާއިމްކޮށްފައިވާ އައު ފުޓްސަލް ދަނޑު މިއަދު ހުޅުވައިފިއެވެ.
މި ފުޓްސަލް ދަނޑު ހުޅުއްވައިދެއްވީ މަންދޫ ޒުވާނުންގެ ދައުވަތަކަށް އެ ރަށަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މަންދުއަށް ވަޑައިގަތުމުން ރަށު ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަންދޫގެ ފުޓްސަލް ދަނޑަކީ ރައީސް ދިވެހިރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު މަންދުއަށް ވަޑައިގަތުމުން، ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވައި މި ނޮވެންބަރު މަހުގެ ނިޔަލަށް ނިންމަވައިދެއްވުމަށް ރަށުގެ ރައްޔިތުން އެދިވަޑައިގެންނެވުމުން އެކަމަށް އިޖާބަދެއްވައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކުރައްވައިގެން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކުރައްވައި، ލައިޓް ޖަހައި، ފުރިހަމަކުރައްވައި ނިންމެވި ދަނޑެކެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ފެންވަރު ރަނގަޅު ޓަރފަކާއެކު މަންދޫގައި ސަރުކާރުން ތަރައްޤީކުރެއްވި ފުޓްސަލް ދަނޑު ހުޅުވައިދެއްވައި، ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗުގައި ބައިވެރިވެވަޑައިގެންފައެވެ. މިއަދު ހަވީރު ކުރިއަށްދިޔަ މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމާއި ދެކޮޅަށް ކުޅުނީ މަންދޫ ރައްޔިތުންގެ ޓީމެކެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި ފުޓްސަލް މެޗު 6 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާގެ ޓީމުންނެވެ.







