ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓު ނުލިބޭނެތީ އިތުރު ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިފަދައިން ވިދާޅުވެ އިޝާރާތް ކުރެއްވީ ސީދާ ކޮން ޕާޓީއަަކަށްކަމެއް ކަށަވަރެއް ނުކޮށްދެ އެވެ. އެހެންނަމަވެސް ދެ ސިޔާސީ ޕާޓީއެއް އަލަށް އުފެއްދުމުގެ މަސައްކަތް މިވަގުތު ކުރިއަށް އެބަ ދެއެވެ. އެއީ ކުރީގެ މިނިސްތަރު އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީއެއްގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީއެކެވެ. ބޮޑަށް ބެލެވޭ ގޮތުގައި ޝިޔާމް އިޝާރާތް ކުރެއްވީ ނާޒިމް އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީއަށެވެ.
ޝިޔާމްގެ ވާހަކަފުޅު މި މޭރުމުން ކުރިއަށް ގެންދަވަމުން ވިދާޅުވީ ބަޔަކު މީހުން ޕާޓީއަށް ސޮއި ހޯދުމަށް ރައްޔިތުން ކައިރިއަށް ގޮސް އެއީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ މަސައްކަތަށް އުފައްދާ ސިޔާސީ ޕާޓީއެއްކަމަށް ބުނާ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް އޮޅުވައިނުލެވޭނެ ކަމަށާއި އެއީ ރައީސް ސޯލިހު ވިދާޅުވެގެން އެމަނިކުފާނަށް 2023 ވަނަ އަހަރުގެ އެމްޑީޕީ ރިޔާސީ ޓިކެޓު ނުލިބިދާނެތީ އުފައްދާ ސިޔާސީ ޕާޓީއެއްކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގަ މިއޮތީ ދެ ފިކުރު. އެއީ އެމްޑީޕީގެ ފަނާކުރުވަނިވި ފިކުރާއި ޕީޕީއެމްގެ ބިނާކުރުވަނިވި ފިކުރު. ބަޔަކު ފަނާކުރުވަނިވި ފިކުރުގަ ތިބެފަ މިއަދު ތިމަންނަމެން މިއުޅެނީ ގައުމު އާރާސްތު ކުރާށޭ ގައުމު ތަރައްގީ ކުރާށޭ ބުންޏަސް މިއަދު އެކަން ދިވެހި ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ"
- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
މީގެ އިތުރުން ޝިޔާމް ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަށްވެސް ރައްދު ދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ރައީސް ޔާމީނާއިއެކު ނިޒާމު ބަދަލު ކުރާ ވާހަކަ ނަޝީދު ދެއްކެވި ނަމަވެސް ރައީސް ޔާމީން ބޭނުންވެވަޑައިގަންނަވާ ކަމެއްގެ ވާހަކަ ދައްކަވާނީ އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީން ކަމަށެވެ.
އެހެންނަމަވެސް ރައީސް ޔާމީން ބަރުލަމާނީ ނިޒާމާއި ސީދާ ދެކޮޅު ކަމަކަށް ޝިޔާމް ވިދާޅެއް ނުވެއެވެ. އޭގެ ބަދަލުގައި ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ފަސް އަހަރު ދުވަހު ކާމިޔާބު ކަމާއިއެކު ރައީސް ޔާމީން ވެރިކަން ކޮށްދެއްވި ކަމަށެވެ. އެކަން ސާބިތު ކޮށްދެއްވައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ ހުރި މައްސަލަތައް ހައްލުކޮށްދެއްވުމުގެ މަގްސަދުގައިކަމަށާއި އެކަން ކުރެއްވި ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމަށް އިދިކޮޅު ޕީޕީއެމްއާއެކު މަޝްވަރާއަށް ދިޔުމުގެ އިޝާރާތެއް ރައީސް ނަޝީދު ވަނީ ކުރައްވައިފަ އެވެ. އަދި އޭގެ ބަދަލުގައި ރައީސް ޔާމީން މިނިވަން ކޮށްދޭނެ ކަމަށް ދޭހަވާފަދަ ވާހަކަތަކެއްވެސް ނަޝީދު ދެއްކެވި އެވެ. މިވާހަކަތަކާއި ގުޅިގެން ޝިޔާމް މީގެ ކުރިން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކޮށްދެއްވުމުން މަޝްވަރާތަކަށް އިދިކޮޅުން ދާނެ ކަމަށެވެ.