އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީއެންސީން ކުރި އިއުލާނެއްގައި ބުނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުންނަށް އެކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމްތަކަކީ:
- ސިޓީ މޭޔަރު
- ސިޓީ ކައުންސިލް މެންބަރު
- ސިޓީ ކައުންސިލް އަންހެން މެންބަރު
- ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ
- ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު
- ރަށު ކައުންސިލްގެ ރައީސް
- ރަށު ކައުންސިލްގެ މެންބަރު
- ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ
- ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު
ވާދަކުރާ ފަރާތްތަކުގައި ހަތަރު ޝަރުތެއް ފުރިހަމަވާންޖެހެއެވެ. އެގޮތުން އެންމެ ފުރަތަމަ ޝަރުތަކީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ގާނޫނުތަކާއި ގަވައިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުތުތައް ފުރިހަމަވެފައިވުމާއި އީސީން އެކުލަވާލާފައިވާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި ނުވަތަ އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި އީސީއަށް ހުށަހަޅާފައިވާ ފަރާތަކަށް ވާންޖެހޭނެ އެވެ.
ތިންވަނަ ޝަރުތަކީ އިންތިހާބުގައި ވާދަކުރުމަށް އެދޭ ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް ފުރިހަމަކުރުމެވެ.
ހަތަރުވަނަ ޝަރުތަކީ އިންތިހާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ވަކި އަދަދަކަށް މެންބަރުން އިތުރުކޮށް އެ ފަރާތްތަކުގެ މައުލޫމާތު ހުށަހެޅުން ކަމަށެވެ.
އެ މަގާމުތަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ކޮންގްރެސް ޕާޓީގެ އާންމު މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް ޕީއެންސީއިން ބުނެ އެވެ.








