ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލު ބަދަލުވުން ހިމެނެ އެވެ. އިސްލާޙުތަކުގައިވާ ގޮތުން، ރަށެއްގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ، އެ ރަށަކުން އިންތިހާބު ކުރާނީ ތިން ކައުންސިލަރުންނެވެ. ނަމަވެސް، 2000 އަށް ވުރެ ބޮޑެތި އާބާދީތަކުން މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނެ އެވެ.
ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި ވެސް ބަދަލުތަކެއް ހިމެނެ އެވެ. އެގޮތުން އާބާދީ 10,000 އާއި 25,000 ދެމެދުގެ ސިޓީތަކަށް މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، 25,000 އާއި 50,000 އާ ދެމެދުގެ ސިޓީތަކަށް 11 ކައުންސިލަރުން، އަދި 50,000 އަށްވުރެ އިތުރުނަމަ 15 ކައުންސިލަރުން އިންތިޚާބު ކުރެވޭނެ އެވެ.
މީގެއިތުރުން މާލެ ސިޓީއިން އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީތަކުން މެންބަރުން އިންތިހާބު ކުރާ އަދަދަށެވެ. އަދި ފުވައްމުލަކު ސިޓީގެ ކޮންމެ އަވަށަކުން ކައުންސިލަރަކު އިންތިހާބު ކުރާނެ ކަމަށް ވެސް އިސްލާޙުގައި ބަޔާންކޮށްފައިވެ އެވެ.
ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަށް ހުށަހަޅާފައިވަނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާނެ އުސޫލެއްގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތަކަށެވެ.








