ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވި ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ، ޖާން ޑެ ނަލް ކުންފުނީގެ "ކްރިސްޓޯބަލް ކޮލޯން" އިން މިއަދު ވަނީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.
އެއީ 100 އިންސައްތަ ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީ، "ރަސްމާލެ" އަށް ބިން އުފެއްދުމުގެ މަސައްކަތުގެ ބާރުމިން ތިން ގުނައަށް އިތުރުކުރުމަށް ފެށި މަސައްކަތެއް ކަމަށާއި ރަސްމާލެ އަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ތިމާވެއްޓާ ރައްޓެހި މަޝްރޫއު ކަމަށް ރައީސް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފަ އެވެ.








